އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މާދަމާ ރާއްޖެ ވަޑައިގަންނަވާތީ ސިނަމާލެ ބްރިޖާއެކު މާލޭގެ 4 ސަރަހައްދެއް މާދަމާގެ ވަކި ވަގުތުތަކެއްގައި ބަންދު ކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ މާލޭގެ 4 ސަރަހައްދެއް ބަންދުކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ރިޗާޑް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކަމަށެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ މަގާ، ސިނަމާލެ ބްރިޖްއާ، ގްރީން ޒޯނާ އަދި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކެވެ.

މި ސަރަޙައްދުތައް ބަންދުކުރާނީ މާދަމާގެ މެންދުރު 12:30 އިން ފެށިގެން އެކި ވަގުތުތަކުގައި ކަމަށް ފުލުހުން ބުނެއެވެ މިސަރަހައްދުތައް ބަންދުކުރާ ވަގުތުގައި ދުއްވާ އުޅަނދުތަކާ ހިނގާ މީހުންނަށްވެސް އެ ސަރަޙައްދުތަކަށް ނުވަދެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން މަގުތައް އަލުން އާއްމުކޮށް ހުޅުވާލާނީ ރަސްމިއްޔާތުގެ ކަންކަން ނިމުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު ޕޮމްޕެއޯ މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.