ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން މިނިވަންކުރަން އިދިކޮޅުން ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރަން އިދިކޮޅުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ބަލައިނުގަނެ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން ޣައްސާން ވިދާޅުވީ، ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކުރަން ހުށަހެޅުމުން ކަމަކުނުދިޔަ ކަމަށެވެ.
މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެ އިސްލާހާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ކުރެވުނު ބަހުސްގައިވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރިވެފައެއް ނުވެއެވެ.
އެ ބިލު ބޭރުކޮށްލި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޣައްސާން ވިދާޅުވީ، މި ސަރުކާރުގެ ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގައި މަގާމުން ވަކިކޮށް ދައުވާ ނުކުރެވުނު ކަމަށާ ވެންޓިލޭތަރުގެ މައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ނިންމިކަމަށެވެ.
މިހެން ކަން އޮއްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރި ކަމަށާއި އަދި އެ ތުހުމަތު ކޮށްފައި ދައުވާ ކުރީ މުޅިން އެހެންކަމަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އަބްދުއްރަހީމް އާ ދެކޮޅަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ޕީޖީން އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރީ ހަޑިހުތުރު އެއްޗެހި ވިދާޅުވުމާ ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމާ ގުޅިގެންނެވެ.