މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް އަނެއްކާވެސް ގެއްލުންތަކެއް ދީފިއެވެ.

އައިންތު ބުނީ މިފަހަރު އޭނާގެ ކާރުގެ ބިއްލުޜިގަނޑު ތަޅާލާފައިވާ ކަމަށާއި އަދި މިއީ އޭނާ ޓެކްސީ ކުރަން ފެށި ފަހުން ކާރުގެ ބިއްލޫރިގަނޑު ތަޅާލި 5 ވަނަ ފަހަރު ކަމަށެވެ. އޭނާ މިހާރު ޓެކްސީ ކުރާ ކާރު ޑްރަގް ކޯޓް ކުރިމަތީ ޕާކް ކޮށްފައި އޮއްވާ ރޭގެ ވަގުތެއްގައި ވަނީ އޭގެ ބިއްލޫރި ތަޅާލާފައި ކަމަށް އައިންތު ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މާލޭގެ އިއްޒުއްދީން މަގު، ތޮއިބާ މިސްކިތް ކައިރީ ޕާކްކޮށްފައި އޮތް ޓެކްސީއެއްގެ ވިންޑް ސްކްރީން ތަޅާލައި ގެއްލުންދީފައިވާ މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އައިންތުގެ ކާރަށް ލިބިފައިވާ ގެއްލުންތަކާއެކު އޭނާ ފޭސްބުކްގައި ޕޯސްޓް ކުރި ފޮޓޯއެއް
"މީ އަޅުގަނޑު ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރި ތަޅާލި 5 ވަނަ ފަހަރު..މިހެން މިކަން ވުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފަ..މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމުރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ވަރަށް ބޭނުން."
ޑްރައިވަރު އައިންތު

މިހެން މިކަން ވުމުގެ ސަބަބުން އޭނާއަށް ބޮޑެތި ގެއްލުންތަކެއް ވާ ކަމަށް އައިންތު ބުނެއެވެ. އަދި މިކަމުގެ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންނާ އާންމުންގެ އެހީތެރިކަން އޭނާއަށް ބޭނުންވާ ކަމަށް ވެސް އައިންތު ބުނެއެވެ.

މީގެކުރިންވެސް ޑްރައިވަރު އައިންތުގެ ކާރަށް ވަނީ ގެއްލުން ދީފައެވެ. އެފަހަރު އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނެފައިވެއެވެ.

އައިންތު ޓެކްސީ ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޓެކްސީ ޑްރައިވަރެކެވެ.