ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވާހަކަ ނުދައްކައި، އެ ބިލުގެ ބަހުސް ނިންމާލައިފިއެވެ.

މިއަދު މަޖިލީހުގައި އެ ބިލުގެ އިބްތިދާއީ ބަހުސް ފެށި އިރު، އެ ބިލަށް ވާހަކަ ދެއްކެވީ ހަމަ އެކަނި އިދިކޮޅު މެންބަރުނެވެ. އިދިކޮޅު މެންބަރުންގެ ވާހަކަތައްކަށްފަހު، އިތުރު މެމްބަރަކު ބަހުސް ކުރަން ނެތުމުން ރިޔާސަތުން ވަނީ އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމެވި ކަމަށް އިއުލާންކުރައްވާފައެވެ. އަދި މިއަދުގެ ވޯޓު ގަޑީގައި، އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމަން ވޯޓަށް އަހާނެކަމަށެވެ.

އެ ބިލުގައި ތޯރިގު ވަނީ ގާނޫނު އަސާސީގެ 158 އާއި، 161 އާއި 162 އަދި 165 މާއްދާ އިސްލާހު ކުރަން ހުށަހަޅުއްވައިފައެވެ. އެގޮތުން، 158 ވަނަ މާއްދާގެ ދަށުން، ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާއިރު، ތޯރިގު ވަނީ އެ މާއްދާ އިސްލާހުކޮށް، ޖޭއެސްސީގައި އަށް މެންބަރުން ތިބޭ ގޮތަށް ހުށަހަޅުއްވައިފައެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް (ޓޮމް) އިދިކޮޅު ކޯލިޝަންގެ ފަރާތުން ޖޭއެސްސީގެ ގާނޫނަށް، އެ ކޮމިޝަންގެ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އިސްލާހު ހުށަހެޅެއްވި އެ ބިލުގައި ބުނެފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ގާނޫނު އަސާސީ މިހާރު އޮތް ގޮތަށް ޖޭއެސްސީއަށް މެންބަރުން އައްޔަން ކުރުމުން އެކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަން ފާއިތުވި 12 އަހަރު ތެރޭ ފާހަގަވެފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް އެ ބިލުގައި ފާހަގަކޮށްފަ ވެއެވެ.

އަދި ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭގޮތަށް އެ ބިލުގައި ވަނީ ހުށަހަޅުއްވައިފައެވެ.