އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު މެންބަރު އަހުމަދު ޝިޔާމްގެ ހާލު ދެވަރެ އޭޑީކޭ ހޮސްޕިޓަލްއަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝިޔާމް އަށް ވަނީ ސްޓްރޯކެއް ޖެހިފައެވެ.

އިދިކޮޅު ޕީޕީއެމް އިން ބުނީ ޝިޔާމް ހާލުދެރަވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް ދިމާވި މައްސަލައިގެ ތަފްސީލެއް ނުލިބޭ ކަމަށެވެ. މިހާރު ޓެސްޓްތައް ހަދަމުންދާ ކަމަށާއި ތަފްސީލު ލިބޭ ވަރަކުން ހާމަ ކުރަމުން ގެންދާނެ ކަމަށް އެ ކޯލިޝަނުން މައުލޫމާތު ދެއެވެ.

ޝިޔާމް މިއަދު މަޖިލީހަށް ވަޑައިގެން އިންނެވި ކަމަށާއި، ހާލު ގޯސްވީ ތަޅުމުން ނުކުމެވަޑައިގެން ގޯތިތެރޭގައި ހުންނަވަނިކޮށް ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ.

ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވީ، ޝިޔާމް އަށް ސްޓްރޯކެއް ނުޖެހޭ ކަމަށާއި ހާލު ގޯސްވި ނަމަވެސް މިހާރު މަޑުމަޑުން ހަމައަކަށް އެޅެމުން ދާ ކަމަށެވެ.

ޝިޔާމް އަކީ އިދިކޮޅު ޕީޕީއެމްގެ ބަސް އިއްވުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު އެކިއެކި މައްސަލަތަކުގައި ވަކާލާތު ކުރައްވައި ބޭފުޅެކެވެ. އެންމެ ފަހުން އިއްޔެ ޝިޔާމް އިސްވެ ހުންނަވައި ވަނީ، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަވާފައެވެ.

ޝިޔާމް، އޭޑީކޭގައި އެޑްމިޓް ކޮށް ފަރުވާ ދެނީ

ޝިޔާގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްގެ މައިބަދައަށް އަނިޔާވެ އޭޑީކޭއިން ވަނީ ފަރުވާ ހޯއްދަވާފައެވެ.

އޭރު ޝިޔާމް އަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށް ޕީޕީއެމް އިން ބުނެފައި ވަނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައި ވާ ކަމަށެވެ. މިހާތަނަށް ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެއް މަސްދުވަސް ބެޑު ރެސްޓު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް އޭރު ޕީޕީއެމުން ވަނީ ބުނެފައެވެ.