ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
އަދުރޭގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދެއްވާފައެވެ. ޕީޖީން އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ ހަޑިހުތުރު އެއްޗެހި ވިދަޅުވުމާއި ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމާ ގުޅިގެންނެވެ.
ހީނާ ވިދާޅުވީ، މި އަމަލަކީ އިދިކޮޅުން އުފުލަމުންދާ އަޑު ކަނޑުވާލަން ސަރުކާރުން ކުރި ކަމެއް ކަމަށާއި އަދި އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި އެއީ އިދިކޮޅު ދެޕާޓީއަށް އިންޒާރު ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ހީނާ ވިދާޅުވެއެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ވެސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައި ވެއެވެ.