ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ދޯންޏަށް އެރި މައްސަލައިގާ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ދޯނި ފުރަން އުޅުމުން ރަށުގެ ބަޔަކު ހުރަސް އަޅާފައިވާ ކަމަށާ ނަމަވެސް ފުލުހުންގޮސް ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ފުލުހުން ބުނީ މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ރޭ 11:55 ހާއިރު ލ އަތޮޅު އެތެރެ ވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑި އަށް ކައިރި ކުރަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާ ނަމަވެސް އެއްވެސް މާރާމާރިއެއް ހިންގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އަރާފައި ވަނީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ނަަމަކަށް ކިޔާ ދޯންޏަށެވެ. ދޯންޏަށް އެރި މީހުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް 30 ވަރަކަށް މީހުން އެެކި ހަތިޔާރާ އެކު ދޯންޏަށް އަރާފައި ވާ ކަމަށް އެ ދޯންޏާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.