އަގުބޮޑުކޮށް ޑޮލަރު ވިއްކާ ކަމުގެ ހެކި ހޯދުމަކީ ދަތިކަމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީގައި މެންބަރުން ވަނީ އެމްއެމްއޭއިން ޑޮލަރު ދޫކުރި ނަމަވެސް އޭގެ ހެޔޮ އަސަރު ނުފެންނަ ކަމަށާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެންދާ ކަން ފާހަގަކުރައްވާ ސުވާލުކުރައްވާފައެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ޑޮލަރުގެ ތާށިކަމަކީ އިގްތިސޯދަށް އަންނަ ކޮންމެ ލޮޅުމެއްގައި ވެސް ދިމާވާ މައްސަލައެއް ކަމަށެވެ. އެކަން ހައްލުކުރުމަށް އެމްއެމްއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާ ފޮރިން އެކްސްޗޭންޖު މާކެޓު އެމްއެމްއޭއިން މޮނިޓާ ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތިން އެމްއެމްއޭގެ ހިސާބުތަކުން އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ކަމަށް ނުދައްކާ ކަމަށާ އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ކަމުގެ ހެކި ހޯދުމަކީ ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ބެލުމަށް ފުލުހުންނާއެކު ތަހުގީގެއްވެސް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓި ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އެމްއެމްއޭއިން އެންމެ އިސްކަންދެނީ ދައުލަތަށް ނުވަތަ ގައުމަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 2019 ވަނަ އަހަރު ދޫކުރި މިންވަރަށް ވުރެ ގިނައިން ޑޮލަރު ދޫކޮށްފައިވާ ކަަމަށާ މިއަހަރުގެ މިހާތަނަށް 521 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އެންމެ ގިނަ އަދަދަކަށް ޑޮލަރު ދޫކޮށްފައިވަނީ ކުންފުނިތަކަކަށް ކަމަށާ ބޭންކުތަކަށް ވެސް ގިނަ އަދަދެއްގެ ޑޮލަރު ދޫކޮށްފައިވާ ކަމަށް ޑެޕިއުޓީ ގަވަރުނަރު ފާހަގަކުރެއްވިއެވެ.
ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އާއި ދިވެހި ރުފިޔާ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރްއާރް)ގެ އަދަދު ވެސް އެމްއެމްއޭއިން މިހާރު ވަނީ ދަށްކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި ކުރިން ހުރި 10 ޕަސެންޓް މިހާރު ވަނީ 7.5 ޕަސެންޓަށް ދަށްކޮށްފައެވެ. އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5 ޕަސެންޓުން 5 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
ގަވަރުނަރު އަލީ ހާޝިމް އަހަންނަށް 1200 ޑޮލަރު ވިއްކަންވީނު މިހާރުވެސް އަގުބޮޑުކޮއް ނޫނީ ނުލިބިގެން މިއުޅެނީ، މައްސަލަ އަކީ ކަލޭމެންވެސް ތެދެއް ހަދާނެ ދުވަހެއް ނާންނާނެތި. އިރުއަރާ އިރުއޮއްސޭ ކަން ފެންނަ ފަދައިން ޑޮލަރު ބޮޑުކޮއް ވިއްކާކަން މިގައުމު އެންމެ ކުޑަ ކުއްޖަކަށް ވެސް އިނގޭ. ތި ބޮޑުވަރެއް މި ސަރުކާރުންވެސް އާންމު ރައްޔިތުން ހަނާކުރުން ނޫން ކަމެއް ނުކުރޭ.