9 އަހަރުގެ ކުއްޖަކަށް އޭނާގެ ދޮން ބައްޕަ ޖިންސީ ގޯނާ ކުރި ކަން ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މިއަދި މި ހުކުމް ކުރީ ހައިކޯޓުގައި ބޭއްވި އަޑުއެހުމެއްގައެވެ. 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ދ. ކުޑަހުވަދޫ ފައިވްސްޓާ އިބްރާހިމް ޝުޖާއުގެ މައްޗަށެވެ.
މި މައްސަލަ ކުޑަހުވަދޫ ކޯޓުން މީގެ ކުރިން ވަނީ ބަލާފައެވެ. ނަމަވެސް އެ ކޯޓުން އޭރު ހުކުމްކޮށްފައި ވަނީ ދައުވާ ސާބިތުވާވަރަށް ހެކި ލިބިފައި ނުވާތީ ޝުޖާއުގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ މި މައްސަލަ އިސްތިއުނާފަށް އެދި ހައިކޯޓަށް ހުށަހަޅާފައެވެ.
ހައިކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ އެ މައްސަލާގައި ޝުޖާއުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކުޑަހުވަދޫ ކޯޓުން ކުރި ހުކުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ޝުޖާއުގެ މައްޗަށް ސާބިތުވާވަރަށް ހެކި ލިިބިފައިވާ ކަމަށް ހައިކޯޓުން ނިންމި ނިންމުމުގައި ވެއެވެ.
ޝުޖާއުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) އާ ހަވަލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނެވެ.
މި ހާދިސާ ހިނގިއިރު އެ ކުއްޖާގެ އުމުރަކީ ނުވަ އަހަރެވެ. ހައިކޯޓުގެ ހުކުމުގައި ބުނީ ކުޑަކުއްޖާއާ މެދު އޭނާގެ ދޮން ބައްޕަ ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެ ވާހަކަ ކިޔައިދިން ގޮތުގެ މައްޗަށް ބަލާއިރު ތަފާތު މާހައުލުތަކުގައި އެ ވާހަކަ ކުއްޖާ ސިފަކޮށްފައިވާ ގޮތުން ކުއްޖާގެ ވާހަކަތަކުގައި ޝައްކެއް އުފެދޭ ފަދަ ފުށުއެރުންތަކެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އެ ގޮތުން ކުއްޖާގެ މަންމަގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް އެ ކުއްޖާ ވާހަކަ ކިޔައިދީފައިވާ ގޮތަށް ބަލާފައި ވެއެވެ.