މިއަދު ހަވީރު ކުރި މުޒާހަރާގައި ހައްޔަރުކުރި 5 މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަދު ހައްޔަރުކުރި ފަސް މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ މިއަދު ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުން ކުރިއަށް ގެންގޮސްފައިވާތީ އާއި އެ އެއްވުމުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައިގައެވެ.

ހައްޔަރު ކޮށްފައިވާ 5 މީހުންނަކީ 2 ދިވެހި ފިރިހެނުންނާއި 3 ދިވެހި އަންހެނުން ކަމަށް ފުލުހުން ބުނެއެވެ.

އެ މުޒާހަރާއަކީ ޖިންސީ ގޯނާ އަދި ފުރައްސާރައާ ދެކޮޅަށް އަޑުއުފުލުމަށް ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހިންގާ ގްރޫޕަކުން މިއަދު ހަވީރު 4:00 ގައި ބޭއްވި މުޒާހަރާއެވެ. މި މުޒާހަރަާ ފައްޓާފައިވަނީ މަޖީދީ މަގުގައި ހުންނަ ހުސްނޫގޭ ކުރިމަތިންނެވެ. އަދި މި މުޒާހަރާގެ ބައިވެރިން މާސްކް ބޭނުން ކުރުމަށާ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެ ގްރޫޕުން އެދިފައި ވެއެވެ.

ކޮވިޑް ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަދި ހާއްސަކޮށް އެއްވުންތަކުގައި ބައިވެރިވާ މީހުންނާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނާ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބެލުމަށް އެޗްޕީއޭއިން އަންގާފައިވާ ފަދައިން މާސްކް އެޅުމަށާ ގައިދުރުކަން ދެމެހެއްޓުމަށް ފުލުހުން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.

އަދި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ހިންގާ މިފަދަ އަމަލުތަކުގައި މީހުން ހައްޔަރުކޮށް ނަސޭހަތްދީ އަދި ބައެއް ފަރާތްތައް އަންނަނީ ޖޫރިމަނާވެސް ކުރަމުންނެވެ.