މިއަދު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު އުޅެފިއެވެ.

ފުލުހުން ބުނީ ބޭންކް އަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ފޭރެން މަސައްކަތް ކުރި މައްސަލައެއް މިއަދު 11:47 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފައިސާ ފޭރެން އުޅުނު މަންޒަރު ފެންނަ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯ އިން ފެންނަނީ ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ސައިކަލް މަޑުކޮށްލުމަށް ފަހު ފޭރެން މަސައްކަތް ކުރަން އުޅުނު މަންޒަރެވެ. ފައިސާ ހިފައިގެން ބޭންކާ ކައިރި ކުރާ ރީނދޫ ކުލައިގެ ވޭންގެ ކުރިއަށް ވާ ގޮތަށް 2 ސައިކަލު މޮޑު ކޮށް، ވޭން ޕާކު ކޮށް އެއިން މީހުން ނުކުންނަންދެން ހުށިޔަރު ކަމާއެކު ތިބެފައި ފަހަތުގައި ހުރި ސައިކަލުގައި ތިބި 2 މީހުންގެ ތެރެއިން ފަހަތުގައި އިންނަ މީހާ ތެދުވެ ދުއްވައިގަނެއެވެ. އޭނާ ގޮސް ވޭންގެ ކަނާއަތް ފަރާތުން ފައިބާ މީހުން ކޮއްޕާލައިފައި ފައިސާއް ދަމައިގަންނަން މަސައްކަތް ކުރެއެވެ.

އެވަގުތު އެ ސައިކަލު ދުއްވަން އިން މީހާވެސް ފައިބައިގެން ގޮސް އަނެއް މީހާއަށް އެހީތެރިވާން އުޅެއެވެ. ނަމަވެސް ބޭންކުގެ ސެކިއުރިޓީންގެ ހުށިޔާރު ކަމާއެކު ފައިސާ ފޮށިގަނޑު އަތުލައި ފޭރޭ މީހުން ފަހާ ދުވާތަން ފެނެއެވެ.

އެހާ ހިސާބުން އެކަން ކާމިޔާނު ނުވުމުން އެމީހުން އެތަނުން ފިލައެވެ. އޭގެ ތެރެއިން 3 މީހުން ތިބީ ހެލްމެޓް އަޅައިގެންނެވެ. އެކަކު އިނީ މާސްކް އަޅައިގެންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މިފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ މައްސަލަތައް ގިނަކަމަށާއި ވަކިން މާލެ ސިޓީގައި ފޭރުން ފަދަ މައްސަލަތައް ގިނަ ކަމަށް ފުލުހުން ބުނެއެވެ.