އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި، އެއީ ބޮޑުކަމެއް ކަމަށެވެ. އަދި އެއީ ކުޑަކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި، އޭނާއާ ބެހޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އޭނާ ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ހުރިހާ ދިވެހި ނޫސްވެރިންވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓެމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އޭނާ ވިދާޅުވި އެއްޗަކުން ގޯސް މާނައެއް އެެއްވެސް ފަރާތަކަށް ދޭހަވާނަމަ އެއީ އޭނާގެ މަގްސަދު ނޫންކަން ސާފުކޮށް ދަންނަވާ ކަމަށާއި އަދި އޮޅުން އަރާފަދަ ބަހެއް ވިދާޅުވެވިފައި އޮތް ނަމަ އެކަމަށް މާފަށް އެދޭ ކަމަށް މިނިސްޓަރު އިމްރަން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ބެހޭގޮތުން ދެއްކެވި ވާހަކަތައް ދިފާއުކޮށެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށެވެ.

އެކަމަކީ އާއްމު ޕަބްލިކް ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭކަހަލަ ކަމެކޭ އިނގޭތޯ ހިނގާފަމިއޮތީ.
އިމްރާން

ނަމަވެސް އެ ހާދިސާ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކީ އާންމު ޕަބްލިކް ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް ކަމަށާއި، އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭކަހަލަ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެމައްސަލަ ރަނގަޅަށް ބައްލަވައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައި ވަނީ އާއްމު ތަނެއްގައި ވެސް ކޮށްލެވޭ ވަރު ކަމެއް ކަން ސާފުވެ ވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.