ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ޖެންޑާ މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީގެ އިސްވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި އެ ވުޒާރާތައް ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަމާ އަދި މިކަމަށްޓަކައި މިހާރު އެކުލަވާލަމުން ގެންދާ ޕްލޭންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ މާބަނޑު ދުވަސްވަރާ ޅަފަތުގައި ކުދިންގެ ދުޅަހެޔޮކަން ވަޒަންކުރުމުގައި ގެންގުޅޭ ގޮތްތައް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މަދަރުސީ ތަޢުލީމު ފެށުމުގެ ކުރިން ވެސް ހާއްސަ ސަމާލުކަމަކާއި އެހީތެރިކަމެއް ބޭނުންވާ ކުދިންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ / ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ، މަދަރުސީ ތައުލީމުގެ ކުރިން ވެސް އެ ކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ އަޅާލުމާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން ޖެހޭކަމަށެވެ. އަދި މަދަރުސީ ތައުލީމު ފެށުމަށްފަހު ވެސް އެ ކުދިންނަށް ބޭނުންވާ ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން ވީހާ ވެސް ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.