މަކަރާއި ހީލަތުން ފައިސާ ހޯދާ މީހެއްގެ ޝިކާއަށް އިތުރު ބަޔަކު ވެފައިވޭތޯ ބެލުމަށް އޭނާގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ޅ. ހިންނަވަރު/އަންބަރީގެ، އުމުރުން 37 އަހަރުގެ އިބްރާހީމް ނަޒީދަކީ ސައްހަނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

އެހެންކަމުން ނަޒީދުގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅައި، މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ،

ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމައުގައި އިތުރު ވަމުންދާ މައްސަލަތަކެވެ. އެހެންކަމުން ފައިސާއާއި އަގުބޮޑުތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ. ފުލުހުން ވަނީ ރާއްޖޭގައި ހިނގާ މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.