ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފު އިންތިހާބު ވުމުން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ އޭނާ އިންތުހާބު ވުމާއެކު ސީޝެލްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހުވަދު އަތޮޅާއި ފުވައްމުލައް ހިމެނޭ ގޮތަށް އައްޑޫގައި ވަކި ސަރުކާރެއް ގާއިމުކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް ސުވައިދީބުގެ ރައީސްކަން 1959- 1963 އަށް ކުރެއްވި އަބްދުﷲ އަފީފުގެ ތިން ވަނަ ދަރިކަލުން، އަހުމަދު އަފީފު، ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ އިއްޔެ ބޭއްވި އިންތިހާބުގައެވެ.
އިނގިރޭސިންގެ ކިބައިން ސީޝެލްސްއަށް މިނިވަންކަން ލިބުނު ފަހުން، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެގައުމުގެ އިދިކޮޅު ޕާޓީއަކަށް ވެރިކަން ކާމިޔާބު ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. އަދި ރަމަކަލަވަން ވާދަކުރެއްވި ހަ ވަނަ ރިޔާސީ އިންތިހާބުވެސް މެއެވެ. އެގޮތުން އެންމެ ފަހުން 2015 އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެންމެ 193 ވޯޓުގެ ތަފާތަކުންނެވެ.
އަހުމަދު އަފީފު، 53، އުފަންވެވަޑައިގަތީ 1967 ގައި ސީޝެލްސްއަށެވެ. އެއީ އަބްދުﷲ އަފީފުގެ ސުވައިދީބު ސަރުކާރު އިނގިރޭސީން މެދުވެރިވެގެން ރޫޅާލައި، 1963 ގައި އަފީފާއި އާއިލާ ސީޝެލްސްއަށް ގެންގޮސް، އެ ގައުމުގައި ވަޒަންވެރިކުރުވުމާ ގުޅިގެންނެވެ.
އަބްދުﷲ އަފީފު ސީޝެލްސް އަށް ދިޔައީ އަންހެނުންނާއި ދޮށީ ތިން ދަރިންނާ އެކުގައެވެ. އެއީ އިބްރާޙިމް އަފީފާއި މުހައްމަދު އަފީފާއި ޑރ. ހުސެއިން އަފީފެވެ. ސީޝެލްސް އަށް ދިއުމަށް ފަހުން ވެސް އިތުރު ތިން ދަރިން ލިބިފައި ވެއެވެ. އެއީ އަމީނާ އަފީފާއި ނައިބު ރައީސް އަހުމަދު އަފީފާއި ސާރާ އަފީފެވެ. އަބްދުﷲ އަފީފު އަވަހާރަވީ ސީޝެލްސްގައި، 13 ޖުލައި 1993 ގައެވެ.