ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝައަށް ނިސްބަތްވާ ލުތުފަރު 2019، އޭޕްރީލް މަސް ތެރޭގައި މަރާލި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން 42 ހެއްކެއް ހުށަހަޅައިފިއެވެ.

އެ މައްސަލާގައި ލުތުފަރާއެކު މަސައްކަތް ކުރި 3 މީހަކަށް އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ޝާމިލްވާ އަހުތަރަށް ވަކީލަކު ހަމަޖެއްސުމަށް 5 ދުވަހުގެ މުއްދަތެއްދީފައިވާއިރު، ދައުލަތުން 42 ހެއްކެއް ހުށަހެޅީ މި މައްސަލާގައި ޝާމިލްވާ އަލަމިން އާއި ނޫރުލްއިސްލާމް ދެމީހުންނާ ދެކޮޅަށެވެ.

ދައުލަތުން ހުށަހެޅި ޝަފަވީ 28 އަދި ކިތާބީ 14 ހެކީގެ ތެރޭގައިއެ މީހުންނާއި ދެކޮޅަށް ފުލުހުންނާއި، ޅައިމަގުގައި ދިރިއުޅޭ ބިދޭސީން އަދި ޝަރީއަތުގައި ދީފައިވާ ބަޔާންތަކުގ އިތުރުން، ހާދިސާ ހިނގި ގޮތް ކުޅެދީފައިވާ ވީޑިއޯ އާއި ޑީއެންއޭ ރިޕޯޓު ވެސް ހިމެނެވެ.

މި މައްސަލާގައި އަލަމިންގެ ފަރާތުން ދިފާއުވުމަށް ހެއްކެއް ނެތް އިރު، ނޫރުލްއިސްލާމްގެ ފަރާތުން ލިޔުމުން ހެކި ހުށަހަޅަން ވަނީ 2 ދުވަހުގެ މުއްދަތެއް ދީފައެވެ.

ބޯޓުގައި ލުތުފަރު މަރާލިތަން އަދި އޭނާ މޫދަށް އެއްލާލި ދިމާގައި ބޮޅު އަޅާފައި / ފޮޓޯ: ޕޮލިސް

މީގެ ކުރިން ތިން މީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނަމަވެސް ފަހުން އިއުތިރާފުން ރުޖޫއަވުމުން، ގާޒީ ވަނީ އިއުތިރާފުގެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ބަލާފައެވެ.

ލުތުފަރު މަރާލީ އޭނާ އާއެކު ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމުން، އެކަމުގެ ނުރުހުމުގައި ކަމަށް މި ތިން މީހުން ވަނީ ކުރިން ބުނެފައެވެ. އެގޮތުން ލުތުފަަރު މަރާލީ ބޯޓުގެ ތެރޭގައި އޭނާގެ ކަރުގައި ހިފައިގެން ކަމަށްވީއިރު، އޭނަ ވަނީ ދިފާއުވުމަށް ހަޅޭޢް ވެސް ލަވާފައެވެ. އެ އަޑު އިވިގެން އެ ބޯޓު ކައިރިއަށް ބައެއް މީހުން އެއްވުމުން ނޫރުލްއިސްލާމް ވަނީ އެއްވި މީހުންނަށް ދޮގު މައުލޫމާތުދީ، އެތަނުން ދުރުކޮށްފައެވެ.

ޅައިމަގު ކުރިމަގު ބޯޓުގެ ބިދޭސީ ފަޅުވެރިން ބޯޓުގައި / ފޮޓޯ: އެފްބީ

ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގައި ބަރު އެއްސުމަށްފަހު އޭނާ ވަނީ ކަނޑުފައްތާލާފައެވެ. ލުތުފަރުގެ ކަށިތައް ފުލުހުން ވަނީ ފީނައިގެން ހޯދާފައެވެ. ލުތުފަރު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުން ވަނީ އޭނާ މަރާލިގޮތް ފުލުހުންގެ ތަހުގީގަށް ކުޅެދީފައެވެ.