ސަފާރީ ކޭސްގެ މައްސަލައިގެ ތަހުގީގު ނުނިމެނީސް މައްސަލައިގެ ކުޑަބޮޑުމިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ކަނޑައެޅުއްވިދާނެތޯ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަނީސާ އަހުމަދު ސުވާލު އުފައްދަވައިފިއެވެ.
އަނީސާ ވިދާޅުވީ، މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް އެ މައްސަލައިގެ ވާހަކަ ދެއްކުމަކިީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމުގައި ބެލެވިދާނެ ކަމަށެވެ.
އެފަދައިން ވިދަޅުވީ މިނިސްޓަރު އިމްރާން، އެ ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށާއި ނަމަވެސް އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށެވެ. އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެމައްސަލަ ރަނގަޅަށް ބައްލަވައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައި ވަނީ އާއްމު ތަނެއްގައި ވެސް ކޮށްލެވޭ ވަރު ކަމެއް ކަން ސާފުވެ ވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އިމްރާން އެފެދައިން ވިދާޅުވެފައި ވާއިރު، ސަފާރީ ކޭސްއާ ގުޅިގެން އިމްރާން ދެއްކެވި ވާހަކަތައް ދޮގުކޮށް މިހާތަނަށް އެ ކޭސްއާ ގުޅިގެން ހާމަކޮށްފައިނުވާ ތަފުސީލުތަކެއް ހިމެނޭ ސިޓީއެއް ޖިންސީ ޝިކާރައަށްވި އަންހެން މީހާގެ ގާނޫނީ ވަކީލުންވަނީ ރައްޔިތުންގެ މަޖިލިހަށް މިއަދު ވަނީ ފޮނުވާފައެވެ.
އެގޮތުން އެ ސިޓީގައި، އެ މައްސަލައިގެ ތަހުގީގަށް ޕޯލިން މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް އޭނާ މަރާލާނެ ކަމަށް ބިރުދައްކައި، އޭނާގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އޭނާއަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާން އެބައޮތް ކަމަށް ވެއެވެ.