މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އދ އަތޮޅުގެ ބައެއް ޕޮލިސް ސްޓޭޝަންތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ފެންފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ރައްކާކޮށްފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދުއެވެ. އެގޮތުން، އެރަށު ވަލުތެރެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅެއް ހޯދާފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ 20 ގުރާމް ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި ތަކެއްޗަކީ މިމަހު 8 ވަނަ ދުވަހު ފެންފުށިން އަތުލައިގަތް ކްރިސްޓަލް މެތު ކަމަށް ބެލެވޭ ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަަލައާ ގުޅުންހުރި ތަކެތި ކަމަށެވެ.

މިމަހު 8 ވަނަ ދުވަހު ފެންފުށިން ކްރިސްޓަލް މެތުގެ 536.2 ގްރާމް އަތުލައިގެންފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ފެންފުށީ ގެއެއް ބަލާފާސް ކުރުމަށްފަހުއެވެ. އެދުވަހު އަތުލައިގަތް މަސތްުވާތަކެއްޗާއެކެކު އދ އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ 39 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި އޭނާ ވަނީ ކޯޓަށް ހާޒިރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. ނަމަވެސް، މިހާރު އޭނާގެ މުއްދަތު ވަނީ ހަމަވެފައެވެ. މި މައްސަަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.