ކުޑަ ކުއްޖަކަށް އަނިޔާކުރާ ތަން ފެންނަ ވީޑިއޯއެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން އެ މައްސަލަ މިހާރު ބަލަން ފަށަފައިވާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކަށް ގެ އެެއްގެ ބެލްކަނީގައި ހެދުން އަޅުވަން ގެންގުޅޭ ކޮނޑަކުން އަނިޔާ ކުރާ މަންޒަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ޗަމްޕާ ފްލެޓްގެ 4 ވަނަ ފަންގިފިލާގައި ހިނގާފައިވާ ހާދިސާއެކެވެ.

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ކުޑަކުދިންނަށް އަނިޔާ ކޮށްގެނާއި ޖިންސީ އަނިޔާ ކުރާ މައްސަލަތައް މިފަހުން ވަނީ އިތުރު ވެފައެވެ. އޭގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް ހިމެނެއެވެ.

ކުޑަކުދިންނާ ގުޅުންހުރި އަނިޔާގެ މައްސަލަތައް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޖުމްލަ 387 އަށް އަރައެވެ. އެއީ އަންހެން 221 ފިރިހެން 166 އެވެ. ގެވެށި އަނިޔާގެ މައްސަލަތަކުގެ ޖުލްމަ އަދަދަކީ 112 ކަމަށްވާއިރު އޭގެ ތެރޭގައި ހިމެނެނީ 89 އަންހެނަކާއި 9 ފިރިހެނުންނެވެ.