މާލޭ އެއް ނަމްބަރު ޖެޓީ (ރަސްމީ ޖެޓީ) ސަރައްދުން މުދާ އަރުވައި، ބާލާނަމަ އެފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގައި މުދާ އަރުވައި އަދި މުދާ ބޭލުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ވާނެ ކަމަށާއި އެހެން ކަމުން އެއް ނަންބަރު ޖެޓީ ސަރަހައްދުން އެފަދަ ކަމެއް ކުރާނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އާންމުކޮށް މާލޭގައި މުދާ އަރުވާ ބޭލުމަށް ހާއްސަ ކޮށްފައި ވަނީ ނޯތު ހާބަރު ސަރަހައްދެވެ.

ފިޔަވަޅު އަޅާނީ ޖޫރިމަނާގެ ގޮތުގައި ކަމެއް ނުވަތަ އެހެން ގޮތަކަށް ކަމެއް ސިޓީ ކައުންސިލުން ސާފެއް ނުކޮށްދެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދަށް ލުމާއެކު މާލޭގައި ފާލަންތަކާއި ބަނދަރުތައް ބޭނުން ކުރުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާ ލައިފައެވެ. އެގޮތުން ލަފާ ފުރުމަށާއި އެ ނޫންވެސް ކަންތައްތަކަށް ވަކި ސަރަހައްދުތަކެއް ވަނީ ސިޓީ ކައުންސިލުން ހާއްސަކޮށްފައެވެ.

އެގޮތުން ކައުންސިލުން ވަނީ ފަސް ސަރަހައްދެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމަށް މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު
  • އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް އެއް ނަމްބަރު ޖެޓީ
  • އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދު ފަހަރަށް ހުޅުމާލޭގެ ބަނދަރު
  • އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު
  • ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަންބަރު ޖެޓީ އާއި ހަ ނަންބަރު ޖެޓީ

ސިޓީ ކައުންސިލުން ބުނެފައިވަނީ މާލެއިން ލަފާ ފުރުމުގައި ބޭނުންކުރެވޭނީ ހަމައެކަނި އެ ސަރަހައްދުތައް ކަމަށެވެ.