ހުޅުމާލޭގައި ހުންނަ ފިިޔަވަތިން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެ ޖުމްލަ އަދަދު 38 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތް ނަޒްލާ ރަފީޤް ވިދާޅުވީ، ފިޔަވަތިން އިތުރު ދެ ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށާ އެއީ ދެ މުވައްޒަފުން ކަމަށެވެ. އެގޮތުން އެ ދެމީހުން ޓެސްޓް ކުރެވިފައި ވަނީ ބަލީގެ އަލާމާތް ހުރެގެން ކަމަށާއި އެއީ ކުރިން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްގެ ގޮތުގައި ތިބި މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާރު ޖުމްލަ 38 ކޭސް ވަނީ ފިވަތިން ފެނިފައި ވާއިރު އެއީ 18 ކުޑަކުދިންނާއި 20 މުޒައްޒަފުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 80 މީހުން މިވަގުތު ތިބި ކަމަށާއި މިއަދު ރިލީޒް ސާމްޕަލް ނަގަން ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފިޔަވަތިން އިތުރު ދެ ކޭސް ފެނިފައިވާއިރު، މިހާތަނަށް ރަނގަޅުވެފައި ވަނީ 11 މީހެކެވެ. އެއީ 7 ކުދިންނާއި 4 މުވައްޒަފެކެވެ.

އެންމެ ފުރަތަމަ ފިޔަވަތިން ކޮވިޑް ކޭސްތަކެއް ފެނިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ފިޔަވަތިން 13 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ ފިޔަވަތީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރުމާ ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމުން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.

އެ ކުދިންގެ ޓެސްޓް ކޮށް އިތުރު 8 ކުދިން ޕޮޒިޓިވް ވެފައި ވާއިރު، އެ ކުދިންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖަކު ހިމެނޭތީ، އެ ކުއްޖާ ކެއާވޯކާ އާ އެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަން މިނިސްޓްރީއިން ވަނީ ކަށަވަރުކޮށްދީފައެވެ.