ހުޅުމާލެ ފޭސް 2 އިން 72 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓާ(އެޗް.އީ.އޯ.ސީ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ބިދޭސީ މަސައްކަތްތެރިން ތިބޭ ތަނެއްގައި މިވަގުތު 72 ކޭސް ފެނިފަިއވާ ކަމަށާ ނަމަވެސް އެއީ މިދިޔަ ހަފްތާގައި ފެނިފައިވާ ކޭސްތަކެއް ކަމަށެވެ.

"ހުޅުމާލޭ ފޭސް 2 ގަ ބިދޭސީ މަސައްކަތްތެރިން ތިބި ތަނެއްގައި މިވަގުތު 72 ކޭސް އެބަހުރި. މިއީ ވޭތުވެދިޔަ ހަފްތާ ތެރޭގައި ފެނުނު ކޭސްތަކެއް. މިތަން މިހާރު މިހުރީ ކޮންޓޭން ކުރެވިފައި. 60 ރެންޑަމް ސާމްޕަލް 21 އޮކްޓޯބަރ ގައި ނެގުނުއިރު އޭގެ ތެރެއިން 32 މީހަކު ވަނީ ޕޮޒިޓިވް ވެފައި. 23 އޮކްޓޯބަރ ގައި ނެގި ސާމްޕަލްތަކުގެ ތެރެއިން ހަތަރު މީހަކު އަދި މިއަދު ނެގި ސާމްޕަލްތަކުގެ ތެރެއިން ދެމީހަކު ވަނީ ޕޮޒިޓިވް ވެފައި." ޑރ. ނަޒްލާ

ހުޅުމާލޭ ދެވަނަ ފިޔަވަހި އާންމުންނަށް ހުޅުވާލާފައިވާއިރު، މިއީ މިހާ ގިނަ އަދަދެއްގެ ކޭސް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބިދޭސީންގެ އަދަދު ވަނީ 4101 އަށް އަރާފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލްދޭޝް މީހުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11421 އަށް އަރާފައެވެ. އޭގެ ތެރެއިން އިއްޔެ އިތުރު 50 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،284 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 988 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 38 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 321 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ވަނީ 37 މީހަކު ނިޔާވެފައެވެ.‏