އައްޑޫ ފްލައިން ސްކޫލުން 5 ދަރިވަރަކު ވަކިކުރަން ނިންމި ނިންމުން ސްކޫލުން މުރާޖާކޮށް އެ މައްސަލަ ރިވިއު ކޮމެޓީއިން ބަަލަން ފަށައިފިއެވެ.

ކޯހުން ވަކިކުރި ދަރިވަރަަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އެ ދަރިވަރު ކޯހުން ވަކިކުރީ ކޯހުގެ މުއްދަަތު ނިމުނުއިރުވެސް ކޯސް ނިމިފައި ނުވާތީއާއި ކިޔެވުމަށް ފަރުވާކުޑަވުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް "ދަ ޕްރެސް"އާ ވަހަކަ ދެއްކި އެ ސްކޫލުގެ ދަރިވަރަކު ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އޭކީ މިތާންގަ ހަމަ ބާރަބަރަށް، އެގްޒާމް ހަދަމުންދާ، ބަރާބަރަށް ފްލައި ކުރަމުންދާ، ހަމަ ކޮންމެ މަހަކުވެސް ބަރާބަރަށް ޕޭމެންޓް ދައްކަމުންދާ ކުދިން،
ފްލައިންގް ސްކޫލުގެ ދަރިވަރެއް

އެގޮތުން މިއަދު ދަރިވަރަކަށް ފޮނުވާފައިވާ ސިޓީގައި ބުނީ ފްލައިން ސްކޫލުން ވަކިކުރި މައްސަލައިގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލައިފައިވާ ކަމަށާއި އެ މައްސަލަ ރިވިއު ކޮމެޓީއިން މިހާރު ބަަލަމުންދާ ކަމަށެވެ.

ސްކޫލުން އެފަދައިން ބުނެފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީއިންވެސް ވަނީ ދަރިވަރުން ވަކިކުރި ނިންމުން ބަދަލުކުރުމަށް އެ ސްކޫލަށް އަންގައިފައެވެ.

ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.

އެކަމާ ގުޅިގެން ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެ އެކަޑަމީއާ ދެކޮޅަށް ހަޔާ އެޑިއުކޭޝަނުން ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

ހަޔާ އެޑިއުކޭޝަނުން ބުނެފައި ވަނީ ފިޔަވަޅު އެޅުމަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ ކަމަށާ މިދިޔަ އަހަރުގެ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް އެ ކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ.