އިއްޔެ އައިޖީއެމްއެޗާ ދިމާލު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން އެ މީހާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށާއި އެ މައްސަލައަކީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

އިއްޔެ އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި ޒަހަމް ހުރި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ލިބިފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެއީ ގުދުރަތީ މަރެއްކަން ކަށަވަރުވެފައި ނުވާތީ، މަރުގެ ސަބަބު ކަށަވަރު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާ މޫދުގައި އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި ވަނީ އިއްޔެ ހެނދުނު 10:40 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި ފުލުހުން ރޭ ވަނީ އެ ހާދިސާއާ ގުޅިގެންކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށް ބުނެފައެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9 އާއި 12 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ ފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ އެ ހާދިސާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމެޖެންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައި ވެއެވެ.