ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައަޅާ އިއުލާންކޮށްފައިވާ ސަރަހައްދެއްގައި އުޅުމަށްފަހު ރާއްޖެ އަންނަ މީހުން ބަންދު ކުރުމަށް ގާއިމްކުރި ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފިއެވެ.

ޓެރަރިޒަމް ގާނޫނުގެ ދަށުން ގާއިމްކުރަން ޖެހޭ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު އެކުލަވާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ. ހިންމަފުށީގައެވެ. މި ސެންޓަރު ހިންގަން ހަމަޖެހިފައި ވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ރީއިންޓަގްރޭޝަން ސެންޓަރުގައި އިއްޔެ ބަންދުކޮށްފައި ވަނީ ހަނގުރާމަވެރި ސަރަހައްދެއްގައި އުޅުމަށްފަހު މިމަހު 15 ވަނަ ދުވަހު ރާއްޖެ އައި ކަމަސް ތުހުމަތު ކުރެވޭ 34 އަހަރުގެ ޒުވާނެކެވެ. އޭނާ ރާއްޖެ އައުމާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެކުމުގެ ދަށަށް ގެންގޮސް، ފަހު ދުވަހު ކޯޓަށް ހާޒިރުކޮށް ވަނީ އަމުރުގެ މުއްދަތު އިތުރު ކޮށްފައެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގައި ޓެރަރިޒަމް ގާނޫނުގެ ދަށުން ހަދަން ޖެހޭ ރިސްކް އެސެސްމަންޓް ހެދުމަށް 30 ދުވަހުގެ މުއްދަތަަކަށް އޭނާ ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާ ގޮތުން، ހަނގުރާމަކުރުމަށް ފަހު ނުވަތަ ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނަކީ ޓެރަރިޒަމްގެ އަމަލެއްގައި ބަައިވެރިވި ބައެއްތޯ ނުވަތަ އެފަދަ ތަމްރީނެއް ލިބިފައިވާ ބައެއްތޯ ބެލުމަށް ވަގުތީ މަރުކަޒެއްގައި އެ މީހުން ބަންދު ކުރަން ޖެހޭނެއެވެ. އެ ގާނޫނު ބުނާ ގޮތުން އެފަދަ މަރުކަޒުތަކުގައި އެހެން ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުން ބައިތިއްބައިގެން ނުވާނެއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ސެންޓަރު ގާއިމް ކުރެވުމަކީ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ޓެރަރިޒަމްގެ ބިރުވެރިކަމުން ރާއްޖެ ސަލާމަތްކޮށް، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.