ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި އޮޕަރޭޝަން ހިންގާފައި ވަނީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައި ފާސްކޮށްފައިވާއިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހުޅުމާލޭ 2 ފްލެޓެއްގެ އިތުރުން، ފަސް ކާރެއް ވެސް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ބަލައިފާސްކުރި ފަސް ކާރުގެ ތެރެއިން އެއްކާރު ތެރެއިން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އެކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.