އިއްޔެ އައިޖީއެމްއެޗާ ދިމާލު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ނުވަތަ ބަޔަކު ވޭތޯ ބެލުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް އަދި މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެފަރާތާ ވާހަކަދައްކާ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން މިފަދަ މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ އިމަޖެންސީ ނަންބަރު 911 އަށް ގުޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން މިހެން ބުނެފައި ވާއިރު، އެއީ ގުދުރަތީ މަރެއްކަން ކަށަވަރުވެފައި ނުވާތީ، މަރުގެ ސަބަބު ކަށަވަރު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.

އިއްޔެ އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި ޒަހަމް ހުރި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ލިބިފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ. އަދި މަރުވެފައި އޮތް މީހާގެ އާއިލާގެ މީހަކާ ގުޅިފައި ނުވާތީ އެކަން ސާފުވާ ގޮތް ވަނީ ނުވެފައެވެ.

އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާ މޫދުގައި އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި ވަނީ އިއްޔެ ހެނދުނު 10:40 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.