ގުލީފަޅާ ދިމާލުން ބޭރުގައި ބަނދަރުކޮށްފައި އޮތް ބޯޓަކުން މީހަކު ވެއްޓި އޭނާގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެއީ ވިކްޓޯރިއާ-267 ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. ގުޅީފަޅާ ދިމާލުން ބޭރުގައި ބަނދަރުކޮށްފައި އޮތް ބޯޓުން ވެއްޓިފައި ވަނީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މައްސަލަ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށްވެސް ބުނެއެވެ.

އެމީހާ ބޯޓުން ވެއްޓި ބޯ ފަޅައިގެންގޮސްގެން ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑުގެ އެހީތެރި ކަމާއެކު މެންދުރު 12:10 ހާއިރު ވަނީ މާލެ ގެނެސްފައެވެ. އަދި އެމީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ވެސް އެމްއެނޑީއެފުން ބުނެއެވެ.

މިއަދު މިހާދިސާ ހިނގާފައި ވާއިރު، އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮތް އުމުރުން 31 އަހަރުގެ ދިވެއްސަކުވެސް މިއަދު ހެނދުނު ވަނީ ފެނިފައެވެ.

މަރުވި މީހާއާ ގުޅޭ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.