ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބިޑް މީޓިންއެ އްގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ޓޫރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން މީޓީންއެއްގައި ބައިވެރިވި މީހަކު ބަދުއަހުލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ބަރަހަނާ މަންޒަރުތަކެއް މީޓިންގައި ބައިވެރިވި މީހަކު ދައްކާފައި ވަނީ ޒޫމް މެދުވެރިކޮށް އިއްޔެ އެ މިނިސްޓްރީން ބޭއްވި ހއ. އުލިގަން ޓޫރިޒަމް މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރީބިޑް ބައްދަލުވުމުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަންޒަރު އަޅުވާފައި ވަނީ އެ ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ މީހެކެވެ.
އެއީ ހުޅުވަލައިގެން ބޭއްވި ބައްދަލުވުމެކެވެ. އެ މަންޒަރުތައް އެޅުވި ވަގުތު އެ މަޝްރޫއަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ބައްދަލުވުމުގައި ބައިވެރިވެ ތިއްބެވެ.