ރާއްޖެއަށް ޒިޔާރަތް ކުރުމަށް ފަހު އިނގިރޭސިވިލާތަށް އެނބުރި ދާ ރައްޔިތުން އެ ގައުމުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަމަޖައްސައި އިނގިރޭސިން ދަތުރުކުރަން "ރައްކާތެރި މަންޒިލެއް"ގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން އިނގިރޭސިން ދަތުރުކުރުމުގައި ލުއިތައް ދޭ ގައުމުތައް ހިމަނައި އިނގިރޭސި ފޮރިން އޮފީހުން ނެރެމުން އަންނަ "ޓްރެވަލް ކޮރިޑޯ" ލިސްޓަށް ރާއްޖެ ވަނީ މިއަދު އިތުރުކޮށްފައެވެ.

އެހެންކަމުން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އެނބުރި އިނގިރޭސިވިލާތަށް ދާ މީހުން 14 ދުވަހަށް އައިސޮލޭޓް ވާކަށް ނުޖެހޭނެއެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސި އެމްބަސީން ނެރުނު ބަޔާނެއްގައި އެމްބެސެޑަރު ކެރޮން ރޮސްލާ ވިދާޅުވީ އިނގިރޭސި ރައްޔިތުންނަށް ރާއްޖެ އަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މިވަގުތަށް ކަނޑައެޅުމަކީ އިނގިރޭސި ޓޫރިސްޓުން ރާއްޖެ އައުމަށް އޮތް އެންމެ ބޮޑު ހުރަސް މިވަގުތަށް ނައްތާލުން ކަމަށެވެ.

އިނގިރޭސި ވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ.