ޕޯސްޓް މެދުވެރިކޮށް 12 ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ ޕާޓީ ޑްރަގް ކަސްޓަމްސް އިން އަތުލައިފިއެވެ.

ކަސްޓަމްސުން ބުނީ، އެ ޕާޓީ ޑްރަގްތަކަކީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސް ކުރުމުގެ ތެރޭގައި އަތުލައިގަތް ތަކެތި ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 503 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަތް ޑްރަގުގެ މަގުމަތީ އަގު ގާތްގަނޑަކަށް 1,475,800 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެ ޑްރަގުތައް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށް ތަހުގީގެއް ފަށާފައި ކަމަށް ކަސްޓަމްސުން ބުނެއެވެ.

އެ ޕާޓީ ޑްރަގް އެތެރެކޮށްފައި ވަނީ ތިން ގައުމަކުން ކަމަށް ކަސްޓަމްސުން ބުނެއެވެ. އެއީ ނެދަލެންޑާއި އިތޯޕިއާ އަދި ގްރޭޓް ބްރިޓަން އިންނެވެ. އަތުލި ޕާޓީ ޑްރަގުގެ ތަފުސީލް ހާމަކުރަމުން ކަސްޓަމްއިން ބުނީ ކެޓަމިންގެ 12 ގްރާމްއާއި އެކްސްޓެސީގެ 102 ގްރާމްއާއި ކެނަބިސްގެ 135 ގްރާމްގެ އިތުރުން ކޮކޭންގެ 254 ގްރާމް ހިމެނެއެވެ.