މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 2 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށެވެ. އެދެމީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މަންޗަންގޯޅި ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ޖޫސްޕެޓީ ކޮތަޅާއި 75 ރަބަރު ޕެކެޓާއި 841 ގުޅަ މަނާ ބޭސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.