ހދ. ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތް މި މަހުގެ 30 އަށް ނިންމާލަން މަސައްކަތް ކުރާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 98 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ ތެރެއިން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ މި މަހުގެ 30 ވަނަ ދުވަހަަށް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 236،844 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 24،450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރުން ހިމެނެއެވެ.

އޭގެ އިތުރުން އެއްގަމުތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރު ކުރުމާއި، އެ ސަރަޙައްދުގައި ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުން ހިމެނެއެވެ.

އެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 129،529 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.