ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންގެ ތެރެއިން 110 މީހަކަށް ފުލުހުން އިންޒާރު ދީ 40 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކާފިއު ވަގުތު ތަކުގައި ބޭރުގައި އުޅެގެން 110 މީހަކަށް އިންޒާރު ދީފައިވާ ކަމަށާއި 40 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު މާސްކް ނާޅާ މަގުމަތީ އުޅެގެން 48 މީހަކަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި 40 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ. މީގެ އިތުރުން، ވެހިކަލް ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 56 މިހަކަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި 18 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
މިހާރު ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަގުތަކީ ރޭގަނޑު 11 އިން ފެށިގެން ފަތިހު 4 އަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅަފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި މި ވަގުތުތަކުގައި މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި ބޭރަށް ނުކުމެ އުޅޭ ވަގުތު ބަލި ފެނިފައިވާ ރަށްރަށުގައި މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. މި ފިޔަވަޅުތަކަށް އަމަލު ނުކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދޭ އިރު އެކަން ތަކުރާރު ވާ ނަމަ ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.