ކުޅުދުއްފުށީގައި ކޮވިޑްގެ ލޯކަލް ޓްރަންމިޝަނެއް ހިނގަން ޖެހުނު ސަބަބު ދެނެގެން މަސައްކަތް ކޮށްފިނަމަ ކޮންމެ ރަށަކަށް ކޮވިޑް ޓާސްކް ފޯހެއް ބޭނުން ނުވާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ، ހދ. ކުޅުދުއްފުށީގައި ކޮވިޑު ފެތުރެން ދިމާވި ސަބަބު ގަބޫލުކޮށް އެހެން ރަށްރަށުގައި އެގޮތަށް ކަން ނުވާނެހެން އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގޮތަށް އަމަލުކޮށްފިނަމަ ކޮންމެ ރަށަކަށް ޓާސްކު ފޯހެއް ނުހަދާ ފަރުޖެހޭނެ ކަމަށެވެ.

ފައިސަލް މިހެން ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި ކޮވިޑް ފެތުރެން ފެށުމާއެކު އެ ރަށުގައި އެކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލުމާއެކުގައެވެ.

އެޗްޕީއޭ އިން ބުނެފައި ވަނީ އެރަށުގެ މިހާރުގެ ހާލަތަށް ބަލައި، އެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދޭނެ ކަމަށް އިދާރާތަކުން ބުނެފައިވާ ކަމަށެވެ.

ކުޅުދުއްފުށި މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ރަށުގައި މިވަގުތު ޕޮޒިޓިވްވެފައިވާ 11 މީހުން އެބަތިއްބެވެ. އެއީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަތް 8 މީހަކާއި، ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން އަލާމާތްތައް ފެނިގެން ޓެސްޓުކޮސްގެން ޕޮޒިޓިވްވި މީހެކެވެ.

ކޮވިޑް-19ގެ ގުޅުން ނެތް ޕޮޒިޓިވް ކޭސްތަަކެއް ކުޅުދުއްފުށިން ފެންނަމުން ދަނީ އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގަމުންދާތީ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ. ކުޅުދުއްފުށީގައި ހިނގާފައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށް އެޗްއީއޯސީން ބުނާއިރު، މުޖުމައުގައި ބަލި ނުފެތުރި، ގދ. ހޯޑެއްދޫގައި ވެސް ވަނީ މީގެ ކުރިން ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައެވެ.