އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ތިބި މެންބަރުންގެ އަދަދު މަދުކަމުން ގިނަ މެންބަރުންނާ އެކު އެ މައްސަލަ ނިންމުމަށް ފަސްކޮށްފިއެވެ.
އޭސީސީގެ މެންބަރުންގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ބައެއް މެންބަރުން ހުށަހެޅީ ވެންޓިލޭޓަރު މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެންނެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ 11:00 ގައި ކުރިއަށް ދޔަ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައާ މެދު މަޝްވަރާ ކޮށްފައި ވެއެވެ. އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އޭސީސީގެ މެމްބަރުން ހާޒިރުކޮށް އެ ބައްދަލުވުން ވަނީ ގިނަ އިރުތަކަށް ދިގު ދެމިގެން ގޮސްފައެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލައާ ހަމައިން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހުށަހެޅުއްވީ ވީހާވެސް ގިނަ މެންބަރުންގެ ބައިވެރިވުމާއެކު އޭސީސީގެ މެންބަރުން ވަކިކުރުމަށް ގޮތެއް ނިންމުމަށެވެ. އަދި އުޝާމްގެ މި ހުށަހެޅުމަށް ހަތަރު މެންބަރުންގެ އަގުލަބިއްޔަތާ އެކު ވަނީ ފާސްވެފައެވެ.
ވެންޓިލޭޓަރު މައްސަލައާ ގުޅިގެން އޭސީސީން ބުނެފައި ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖަންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން ޕީޖީ އޮފީހަށް ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން މި މަހުގެ 14 ވަނަ ދުވަހު ފޮނުވާފައެވެ.
އޭސީސީގެ މަސައްކަތްތަކާ މެދު މަޖިލީހުގެ އެމްޑީޕީއަށް ގިނަ މެންބަރުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.