ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާ ދިނުމަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގަ އެ މައްސަލަ ހުށަނޭޅެނެ ކަމަށް ޔައުގޫބުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވި ނަމަވެސް ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށެވެ.

އެގޮތުން ޔައުގޫބުގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިމެންދެން، މަޖިލީހަށް ހާޒިރުވާން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދުނު ނަމަވެސް މި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅަފައެވެ. އަދި ވަގުތީ އަމުރު ނުނެރުނު ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ޔައުގޫބުގެ އަމަލުތަކުން ސެޕެރޭޝަން އޮފް ޕަވާސް އާއި މި މައްސަލަ އާ ގުޅުން އޮންނަނީ ކިހިނެތްކަން ސާފް ކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތާ ސުވާލު ކުރިއެވެ. އަދި ޔައުގޫބުގެ މަގާމުގެ މަސްއޫލިއްޔަތަކީ ކޮބައިކަން ސާފްކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރުވާން ވަގުތުދީ ދެން އެ މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބު ދޭން ނިންމާފައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރެއް ކަމަށް ޔައުގޫބް ހަމަޖެއްސުމާއި ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. އެ އިންސްޓިޓިއުޓުގެ ކައުންސިލު މެންބަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ގާނޫނު އަސާސީގައި އޮތް އެއްޗެއް ޔައުގޫބަށް އެނގިވަޑައި ނުގަތުމުން ގިނަ ބަޔަކު ދަނީ އެކަމާ ފާޑުވެސް ކިޔަމުންނެވެ. އެކަމަށް ފާޑު ކިޔި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޔައުގޫބުގެ މެންބަރުކަމުގެ ޝަރުތު ނެތިއްޖެ ކަމަށެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ހަވާލުވެވަޑައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުތުތައް ގެއްލޭނެ ކަމެކެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

ޔައުގޫބު އެ މަގާމާ ހަވާލު ވުމަށްފަހު، ފަހުން އޭނާ ވަނީ އިސްތިއުފާދެއްވާފައެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގެން މަގާމުގެ ފަތްކޮޅާވެސް ޔައުގޫބު ހަވާލުވެވަޑައިގަތެވެ.