އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން އިތުރު ކުރި މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ގަރާރު ހުށަހެޅުއްވީ ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ. މި ހުށަހެޅުންތައް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގައި ތިއްބެވީ ފަސް މެންބަރުންނެވެ.
އެ ގަރާރުގައި ވަނީ ކުރީ ސަރުކާރުން ހުށަހަޅައިގެން 18 ވަނަ މަޖިލީހުން ފާސްކުރި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މާލެއާއި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއްވަން ބޭނުންވާ ފަރާތްތަކަށް އެއްވެވޭ ގޮތް ހެދުމުގެ އިސްލާހު އުވާލުމަށާއި އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަ ގޮތް ހެދުމަށެވެ. ހަމައެއާއެކު ގައުމީ ސަލާމަތަށްޓަކައި އެއްވެ އުޅުން މަނާ ބައެއް ސަރަހައްދުތަކެއް ގާނޫނުގައި ކަނޑައެޅުމަށް ވެސް އެ ގަރާރުގައި ހިމެނެއެވެ.
އެއްވެ އުޅުން މަނާ ސަރަހައްދުގެ ގޮތުގައި ރިސޯޓްތަކުގެ މުވައްޒަފުން ދިރިއުޅޭ ސަރަހައްދު ފިޔަވައި ކޮންމެ ރިސޯޓެއްގައި ހިމެނޭ އެހެން ސަރަހައްދުތައް ހިމެނެއެވެ. އެގޮތުން ރިސޯޓްތަކުގެ މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ކޮންމެ ރިސޯޓެއްގައި ކަނޑައަޅާ ސަރަހައްދެއްްގައި މުޒާހަރާ ކުރެވޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.
ހަމައެއާއެކު ވައިގެ ބަނދަރުތަކާއި ވިޔަފާރި ބަނދަރުތަކަކީ ވެސް މުޒާހަރާ ނުކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް އެ އިސްލާހުގައިވެއެވެ. މީގެ އިތުރުން ދައުލަތުގެ ހިދުމަތްތައް ލިބިދޭ މަރުކަޒުތަކާއި މަރުކަޒުތަކުގެ ފާރުން 100 ފޫޓު ހަމަވާ ސަރަހައްދާއި ޖަލުތަކާއި ޖަލުތަކުގެ ފާރުން 200 އިންވާ ސަރަހައްދުތައް ވެސް ހިމެނެއެވެ.
އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް ކުރީގެ ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން، އޭރުގެ ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައި މިހާތަނަށް ވެސް އަމަލު ކުރަމުންދާ އެ މައްދާ އުވާލަން ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދައިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ނަމަވެސް އެ ބިލް ކޮމިޓީގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެ، އެ މާއްދާ އުވާނުލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމިޓީގައި ކުރިން ވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް ފަހުން ކޮމިޓީގައި މިނިސްޓަރު އިމްރާން ވަނީ ކޮންމެ ވެސް މިންވަރަކަށް އެއްވެ އުޅުން ރެގިއުލޭޓް ކުރެވޭނެ ގޮތަށް ހަދާ އެ ހައްގު ވެސް ކަށަވަރު ވާނެ ގޮތަކަށް ގާނޫނަށް އިސްލާހު ގެނައުމަށް އެދިވަޑައިގެންފައެވެ.