އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގުގައި މައްސަލަތައް ސާބިތުކުރެވޭވަރަށް ހެކި ހޯދަން ކުރާ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަން (ޕީސީސީއާރު)ގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވުމުގެ ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ޕީސީސީއާރްގެ ބޭފުޅުންނާއި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމާއި އޭސީސީގެ މެންބަރުން ހާޒިރުކޮށް ސުވާލުކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްއަދު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަށް ކުރަން ޖެހޭ މަސައްކަތްތަކާ އަޅާބަލާއިރު މައްސަލަ ލަސްވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަސްއަދު ވިދާޅުވީ އެ ތަހުގީގުގެ ބޭނުމަކީ ބަޔަކު ކުށްވެރިކޮށް ފިޔަވަޅު އެޅުން ނޫން ކަމަށާއި ފައިސާއާ ގުޅިފައިވާ މިފަދަ ތަހުގީގަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެގޮތުން މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހޯދުމާއި އެކަމުގައި އެއްބާރުލުން ނުލިބުމަކީ ވެސް މައްސަލަ ލަސްވުމުގައި ދިމާވި ކަންކަން ކަމަށް އަސްއަދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ތަހުގީގަށް ބައެއް އިދާރާތަކުން އެއްބާރުލުން ނުދިނުމަކީ ވެސް ލަސްވުމެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާނާތާ ގުޅޭ މީހުންގެ މައުލޫމާތު ހޯދަން ފޮނުވުމުން، އުޒުރުތަކެއް ދައްކައި މައުލޫމާތު ނުދީ ލަސްކުރި ކަމަށެވެ.

އޮގަސްޓް، 7، 2019 އާ ހަމައަށް، އެންމެ މުހިއްމުކޮށް މައުލޫމާތު ލިބެން ޖެހޭ ބޭންކް އޮފް މޯލްޑިވްސް އިން ނުދޭ. ކޯޓު މެދުވެރިކޮށް މައުލޫމާތު ލިބެން ފެށީ
އަސްއަދު

ނަގުދު ފައިސާ އިން ގިނަ މުއާމަލާތްތަކެއް ހިންގާފައިވާ އެމްއެމްޕީއާރުސީ ސްކީމުގައި ހޯދި މުދާވެރިކަން ގިނަ މީހުންގެ ހުރީ އަމިއްލަ ނަމުގައި ނޫން ކަން ފާހަގަ ކުރައްވާ އަސްއަދު ވިދާޅުވީ އާއިލާގެ މީހެއް ނުވަތަ ގާތް މީހެއްގެ ނަން މަތީގައި އާއި އެ ފައިސާ އެންމެ ގިނައިން ބަދަލުކޮށްފައި ހުރީ ގޯތިގެދޮރާއި އުޅަނދު ފަދަ ތަކެއްޗަށް ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ކުރިއަށްދާއިރު ވެސް ކުރީގެ ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ދޫކޮށްފައިވާ 37 ރަށަކާއި 12 ފަޅެއް އެބައޮތް ކަަމަށާއި އޭގެ ތެރޭގައި ޓޫރިޒަމްގެ ގާނޫނާ ހިލާފަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ބައެއް ތަންތަން މިހާރު ރިސޯޓް ހަދައިފައިވާކަން އަސްއަދު ފާހަކަ ކުރެއްވިއެވެ. އަދި އެއްވެސް ގޮތަކަށް މަސައްކަތްތައް ކުރިއަށް ނުދާ ރަށްތައް ވެސް ހުރި ކަން އަސްއަދު ފާހަގަކުރެއްވިއެވެ.