ބިޑް ކޮމެޓީތަކުގައި ސިޔާސީ ގޮތުން އައްޔަން ކުރެވެވޭ މީހުން އަދި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންނަށް ނުތިބެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މި ނިންމުން ނިންމާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. މި ނިންމުމާއެކު ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަން ކުރެވޭ މީހުންނާއި އިންތިހާ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަން ނުކުރެވޭނެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.13 ގައި ބުނާގޮތުން، ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް މަސައްކަތުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމެޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމަންޓް މަސައްކަތް ކުރުމަށް ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އޮންނަން ޖެހެއެވެ.

ބިޑް ކޮމިޓީ އުފައްދައި، އެކުލަވާލުމަށް ފަހު ކޮމިޓީއަށް އައްޔަން ކުރަނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ގޮތުގައި މިނިސްޓަރެވެ. އަދި އެ ކޮމިޓީއަށް އައްޔަނު ކުރާ މީހުންނަކީ އެ ކޮމިޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތާއި ތަޖުރިބާ ހުރި މީހުންނަށް ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

މީގެ އިތުރުން ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައި ވާ ސެކްޝަނުގެ އެއްވެސް މުވައްޒަފަކު އެ ކޮމިޓީގައި ހިމެނިގެން ނުވާނެ ކަމަށްވެސް މާލިއްޔަތު ގަވާއިދުގައި ވެއެވެ.