ބައެއް އަރަބި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އަރަބި ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނޮން-ރެޒިޑެންޓް ސަފީރުންނާއި މިނިސްޓަރު ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިއަދު މިނިސްޓަރު ބައްދަލުކުރައްވާފައި ވަނީ އުރުދުން، ކުވައިތު، ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އޮމާންއަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަންއާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު ވަނީ އެ ސަފީރުންނާއި ހިއްސާކުރައްވައި، އެ ގައުމުތަކުގެ ހާލަތާ ބެހޭ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި އެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުމަށް އެ ގައުމުތަކަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރު އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މިފަދަ ދެވަނަ ބައްދަލުވުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނިމިދިޔަ ހަފްތާގައި މިނިސްޓަރު ޝާހިދު ވަނީ އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ވެސް މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ.