ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ގަގާން ކުލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ހިދުމަތްތައް ފަށައިފިއެވެ. މި ހިދުމަތްތައް ރަސްމީގޮތުން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެމަނިކުފާނު މި ހިދުމަތްތައް ފައްޓަވައިދެއްވީ މިއަދު ހެނދުނު އެންޑީއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މުޖުތަމައަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކާވަފައެވެ.

އެގޮތުން ނައިބު ރައީސް ވިދާޅުވީ، އެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގައެވެ. އަދި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ދުރުހެލިކުރުމަށް ތަފާތު ފަރުވާތައް ތަޢާރުފުކޮށް މަސައްކަތް ކުރަމުންދާ ކަމުގައި ވީ ނަމަވެސް، މި މަސައްކަތްތަކުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފުރިހަމަ އެއްބާރުލުމާއި ވެސް އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް / ފޮޓޯ: ރައީސް އޮފީށް

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކޮންމެ މީހަކު ވެސް، އެ ވަބާއިން ސަލާމަތްވެ، މުޖުތަމައަށް އަލުން އެނބުރި ރުޖޫޢަވާން ޢަޒުމް ކަނޑައެޅުމަށް ގޮވައިލައްވާފައެވެ. އަދި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ޢާއިލާތަކާއި އަދި މުޖުތަމައުގެ ތެރެއިން ވެސް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ގަގަން ކުލިނިކުގައި މިއަދު ފެށި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ހިދުމަތްތަކުގެ ބޭނުމަކީ، އެންޑީއޭގެ ބެލުމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާހޯދަމުންދާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، އެ ކަމަށް ބޭނުންވާ ފަރުވާގެ ހިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.