މި ސަރުކާރަށް ނިސްބަތްވާނަމަ ވައްކަން ކުރިޔަސް، ލޫޓުވިޔަސް، ބޭނުން ގޮތަކަށް އުޅެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހްމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާ ކަމަށެެވެ. އަދި ކިތަންމެ ބޮޑު ވައްކަމެއް ކުރިނަމަވެސް ނިސްބަތްވާނަމަ އެއީ ރަނގަޅު ކަމެއް ކަމަށް މި ސަރުކާރުން ނިންމާ ކަމަށާއި އެކަމުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ.

ސަރުކާރުން ބޭނުންވުމުން ކިތަންމެ ހަނިކޮށްވިޔަސް ދައުވާކުރެވޭ ކަމަށާއި މިކަމުން ގާއިމް ވެފައި ވަނީ "މުޑުދާރު" ވެރިކަމެއްކަމެއް ކަމަށެވެ.

ޖަމީލް އެފަދައިން ވިދާޅުވެފައި ވަނީ ވެންޓިލޭޓަރު މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނުމާ ގުޅިގެންނެވެ.

ހެލްތް މިނިސްޓްރީގެ ކޮވިޑާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތަކެއްގައި މިނިސްޓަރު އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީއަށް ފޮނުވައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.

އެއީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެންބަރު ފާތުމަތު ލިމްޔާގެ އިތުރުން 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުގައްމަދާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސާ، އަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދިމިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، އަބްދުﷲ ޝަރީފެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން ބުނެފައި ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖަންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެގްޒެކިއުޓާސްއާ ހަވާލު ކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައި ވާއިރު، އެ ކޮންޓެކްޓަކީ ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫން ކަމަށް ސިޓީގައި ބުނެފައިވާތީ އާއި، ބިޑް ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާ ބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައި ވަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ހުއްދަ ދިނުމުގެ ކުރިން ކޮމިޓީން ބަލަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން އަމަލުކޮށްފައިނުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ޕީޖީންގެ އެ ނިންމުމާ އެކު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އޭސީސީ އިތުބާރު ނެތް ކަމަށް ނިންމާ އެ މައްސަލަ މަޖިލީހަށް ލުމަަށްވެސް ނިންމާފައެވެ.