ކޮވިޑް-19އާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރު މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުބާރު ނެތް ކަމަށް ނިންމާ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން އޭސީސީއަށް އިތުބާރު ނެތް ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމައިފިއެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާއިރަށް ހާޒިރުވާން އަންގާފައި ވަނިކޮށް، ހެނދުނު 8 ޖެހިއިރު، އަވަސް އަރުވާލާފައި، ދަށް ފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީޖީ އޮފީހަށް ފޮނުވުގެ ނަތީޖާ އަކީ އެ މައްސަލަައިގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުން މިއަދު އެ މައްސަލަ އަނބުރާ ފޮނުވާލި ސަބަބެއް ކަމަށައި އޭސީސީ އަށް އިތުބާރެއް ނެތް ކަމަށެވެ.

އެގޮތުން އޭސީސީ މެންބަރުން ވަކި ކުރަން ހުށަހަޅުއްވާނެ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާއިރަށް ހާޒިރުވާން އަންގާފާވަނިކޮށް، ހެނދުނު 8 ޖެހިއިރު، އަވަސްއަރުވާލާފާ، ދަށްފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީ.ޖީ އޮފީހަށް ފޮނުވުގެ ނަތީޖާ. އޭ.ސީ.ސީ އަށް އިތުބާރެއް ނެތް، ވަކި ކުރަން ހުށައަޅާނަން.
މީކާއިލް އަހްމަދު ނަސީމް

އޭގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މީގެ ކުރިން އޭސީސީން ތަހުގީގު ކުރި 2 ފިނޭންސް މިނިސްޓްރުގެ މައްސަލަވެސް ޕީޖީއިން އަނބުރާ ފޮނުވާލި ދުވަހު އޭސީސީ ތަހުގީގު ފެންވަރާމެދު ސުވާލު އުފެދުން ކަމަށެވެ.

އަދި އެ ނިންމުމާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ، މިއަދު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ މެންބަރުން ވަކިކުރަން އެދި ހުށަހަޅުއްވާނެ ކަމަށެވެ.

އޭސީސީ އިތުބާރު ނެތް ކަމަށް ނިންމާ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވާއިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ބުނެފައި ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖަންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެ މަސައްކަތް އެގްޒެކިއުޓާސްއާ ހަވާލު ކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައި ވާއިރު، އެ ކޮންޓެކްޓަކީ ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫން ކަމަށް ސިޓީގައި ބުނެފައިވާތީ އާއި، ބިޑް ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާ ބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައި ވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ހުއްދަ ދިނުމުގެ ކުރިން ކޮމިޓީން ބަލަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން އަމަލުކޮށްފައިނުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 11 ފަރާތަކީ، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެންބަރު ފާތުމަތު ލިމްޔާގެ އިތުރުން 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުގައްމަދާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސާ، އަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދިމިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، އަބްދުﷲ ޝަރީފެވެ.

ހެލްތް މިނިސްޓްރީގެ ކޮވިޑާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތަކެއްގައި މިނިސްޓަރު އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީއަށް ފޮނުވައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.