ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާއިމުކުރެވޭ ޕޭމަންޓް ގޭޓްވޭ ސިސްޓަމެއް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭނުންކުރެވެން ފެށޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާއަށް ހާޒިރުވެވަޑައިގެން، މެންބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ. އޭނާ މަޖިލީހަށް ވަޑައިގެންނެވީ، ރާއްޖޭގައި ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމް ގާއިމް ކުރެވޭ އިރު އެ ސިސްޓަމް މެދުވެރިކޮށް ހިންގާ މުއާމަލާތްތައް ރެގިއުލޭޓް ކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އޮންލައިން ޕޭމަންޓް ސިސްޓަމްގެ ބިލާ ގުޅިގެން މައުލޫމާތު ދެއްވުމަށަވެ.

ގަވަރުނަރު ހާޝިމް ވިދާޅުވީ މިފަދަ ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުމަކީ ވަރަށް ކުރީއްސުރެ ރޭވެމުއް އަންނަ ކަމެއް ކަމަށާއި، ނަމަވެސް އެ މަސައްކަތް ލަސްވެގެން ދިއައީ، ކޮވިޑްގެ ހާލަތުގައި އެކަމާ ގުޅޭ މާހިރުން ރާއްޖެއަށް ވަޑައިގަތުމަށް މެދުވެރިވި ދަތިތަކާއެކު ކަމަށެވެ. އަދި މިފަދަ ސިސްޓަމެއްގެ ބޭނުން ކޮވިޑްގެ މިހާލަތުގެ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސިސްޓަމާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ގަވަރުނަރު ހާޝިމް ވިދާޅުވީ ބޭންކިން ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވާ މާލީ ހިދުމަތްދޭ ހުރިހާ އިދާރާތަކެއް އެއް ސިސްޓަމަކުން ގުޅާލެވިގެން ދާނެ ކަމަށާއި، އޭގެ ސަބަބުން ސަރުކާރުން ރާއްޖެ ލާމަރުކަޒު ކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށެއްގައި ކުދި ވިޔަފާރިކުރާ ފަރާތެއް ވިޔަސް، މި ސިސްޓަމާ ގުޅާލުމުން މުޅި މާލީ ނިޒާމަށް އެކްސެސް ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސިސްޓަމް ގާއިމުވެގެން ދިއުމުން ބޭރުގެ އެކި އިންޓަނޭޝަނަލް ހިދުމަތްތައް ވެސް ލިބުމަށް ފަސޭހަވެގެން ދާނެ ކަމަށާއި، ސީދާ އިންވައިޓް ނުކުރިޔަސް، މާކެޓް ތަންދޭ މިންވަރަކުން އެ ފަރާތްތަކަށް ވެސް ރާއްޖެއަށް އައިސް ހިދުމަތްދޭން، މި ސިސްޓަމާ ގުޅޭނެ ކަމަށް ގަވަރުނަރު ހާޝިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ގަވަރުނަރު ހާޝިމް ވިދާޅުވީ، އިންޓަނޭޝަލަން ޕޭމަންޓް ގޭޓްވޭ ގާއިމް ކުރުމަށް މި ހިނގާ އޮކްޓޯބަރު މަހުން ފެށިގެން މަސައްކަތް ކުރަމުންދާއިރު، މިހާރު ކުރިއަށް ދަނީ އޮންލައިން ސިސްޓަމްގެ ޓެސްޓިން މަރުހަލާއެއް ކަމަށެވެ. އަދި މި މަރުހަލާއަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ހިނގާނެ ކަމަށާއި، އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ފެށޭނީ ޓެސްޓިން މަރުހަލާ ނިމުމުން ކަމަށް ވެސް ގަވަރުނަރު ހާޝިމް ވިދާޅުވިއެވެ.

އަދި ސިސްޓަމްއަށް ދިމާވާނެ މައްސަލަތައް ފާހަގަކޮށް ހައްލު ކޮށް އެމްއެމްއޭގެ ޓީމު ވެސް މި ކަމަށް ތަމްރީން ކުރަން ޖެހޭ ކަމަށާއި އެހެންކަމުން ޕްލޭންކޮށްފައި އޮތީ ހަ މަސް ދުވަސް ތެރޭ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.