މާލޭގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 07:55 ހާއިރު މާލެ މަޖީދީ މަގު، ލެ ޓްރެފިކް ކެފޭ ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ދެ މީހެއްގެ ބޯފަޅައިގެން ގޮސް އަނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަނިޔާވި މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށާއި އެމީހުންނަށް ލިބިފައިވަނީ ސީިރިއަސް އަނިޔާއެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހެދުނު މާލޭގައި މާރާމާރީއެއް ހިނގާފައި މިވަނީ ރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނިކޮށެވެ. އަދި ރޭ ދަނަވަރުގެ ވަގުތެއްގައި އައްޑޫ ސިޓީގައިވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި އުޅޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގެ ތެރެއިންނެވެ. އަދި އެމީހާ ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.