މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން އިސްލާމީ ތައުލީމުގެ ދާއިރާއިން ޔުނިވާސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހިންގާ ހާއްސަ ޕްރޮގުރާމް ތައާރަފްކޮށް، އެ ޕްރޮގްރާމް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަށް ހާއްސަކޮށްގެން ހިލޭ ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ޖުމްލަ 384 ފަރާތުން ބައިވެރިވެއެވެ. އެއީ އެޑްވާންސް ލެވެލް އަށް ކިޔަވާ 292 ދަރިވަރުންނާއި ޑިގްރީ ކޯހުގައި ކިޔަވާ 92 ދަރިވަރުންނެވެ.

ނައިބު ރައީސް މި ޕްރޮގުރާމު އިފުތިތާހު ކޮށްދެއްވާފައި ވަނީ، މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބަޔެއްކަމަށާއި، އެއީ މުޖުތަމަޢުގެ ޤަދަރާއި ލޯތްބާއި އިހުތިރާމު ލިބިފައިވާ ބަޔެއްކަމުގައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް / ފޮޓޯ: ރައީސް އޮފީސް

އެހެންކަމުން، މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމައުގެ ފަރުދުންނަށް ރިވެތި އަހުލާގު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އިހުނަށްވުރެ އިސް ދައުރެއް އަދާކުރުމަށް އެމަނިކުފާނު އިމާމުންނާއި މުދިމުންނަށް ގޮވާލެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމމުން ނައިބު ރައީސް ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ތަފާތު ޕްރޮގުރާމުތައް ހިންގަމުންދާކަމަށެވެ. އެގޮތުން ކޮންމެ ފަރުދަކު ވެސް ބޭނުންވާ ދާއިރާއަކުން ތައުލީމު އުނގެނި، ތަމްރީނު ހޯދައި، ކުރިއަރައިގެން ދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމުގައި ވިދާޅުވިއެވެ. އަދި މި ސިޔާސަތުގެ ބޭނުމަކީ، ކޮންމެ ޒުވާނަކީ ވެސް، ބޭނުންތެރި، މަސައްކަތްތެރި، އުފެއްދުންތެރި، ގައުމަށް ފައިދާހުރި، އަދި ވަކިން ހާއްސަކޮށް އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ މީހެއްގެ ގޮތުގައި ބިނާކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.