ކޮވިޑް-19ގެ ގުޅުން ނެތް ޕޮޒިޓިވް ކޭސްތަަކެއް ހދ. ކުޅުދުއްފުށިން ފެންނަމުން ދަނީ އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގަމުންދާތީ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީއިން ބުނީ، ކުޅުދުއްފުށިން މިމަހު ފެނިފައިވާ ކޭސްތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 4 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. އަނި މިކަމާ ގުޅިގެން އެރަށުގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެ ސެންޓަރުން ބުނީ، ކުޅުދުއްފުށީގެ ހާލަތާއި ގުޅިގެން އިއްޔެ ޓާސްކް ފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޝްވަރާތައް ކޮށް ގައިޑެންސް ދީފައި ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެރަށުގައި އުޅެނީ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައި ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.

ކުޅުދުއްފުށި މިހަރު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ރަށުގައި މިވަގުތު ޕޮޒިޓިވްވެފައިވާ 11 މީހުން އެބަތިއްބެވެ. އެއީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަތް 8 މީހަކާއި، ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން އަލާމާތްތައް ފެނިގެން ޓެސްޓުކޮސްގެން ޕޮޒިޓިވްވި މީހެކެވެ.

ކުޅުދުއްފުށީގައި ހިނގާފައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށް އެޗްއީއޯސީން ބުނާއިރު، މުޖުމައުގައި ބަލި ނުފެތުރި، ގދ. ހޯޑެއްދޫގައި ވެސް ވަނީ މީގެ ކުރިން ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައެވެ.