ޏ. ފުވައްމުލަކުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، އެ ސިޓީގައި ފުރަބަންދުގައި ހުރި މީހަކު 14 ދުވަސް ފުރިހަމަ ކޮށް، 17 އޮކްޓޯބަރުގައި ނެގި ސާމްޕަލް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އޭގެ ނަތީޖާ މިއަދުވަނީ ލިބިފައިވާ ކަމަށެވެ. އަދި ބަލިމީހާގެ ހާލު ރަނގަޅު ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން އަދި ފެނިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނީ، މިއަދު ޕޮޒިޓިވް ވި ކަން އެނގުނު މީހާއަކީ މިދިޔަ ހަފުތާގައި ޕޮޒިޓިވްވި މީހާއާ ގުޅުމެއް ހުރި މީހަކު ނޫން ކަމަށެވެ. އެހެން ކަމުން އެ ސިޓީގައި މި ވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 2 މީހުން ކަރަންޓީނުގައި އެބަތިއްބެވެ. އެމީހުން ތިބީ ހޯމް ކަރަންޓީނު ގައެވެ.

މިވަގުތު ފުވައްމުލައް ސިޓީގެ ރައްޔިތުން ކޮވިޑް-19ގެ ރޯގާއިން ރައްކާތެރިވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެމަށާއި ގައިދުރުކަން ބަހައްޓައި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި ރޯގާ ފެތުރުނަ ނުދިނުމަށް މި ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި އެ މީހުންގެ އާއިލާގެ މެންބަރުންނާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައިވާއިރު، މިދިޔަ ހުކުރު ދުވަހު އެރަށުން ވަނީ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން އެރަށު ހޮސްޕިޓަލުން އޭނާއަށް އެންގިއިރު، އެޗްޕީއޭއިން މެސެޖުގެ ޒަރިއްޔާއިން އަދި ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ވަނީ އޭނާގެ ނަތީޖާ ނެގެޓިވް ކަމަށް ވެސް އަންގާފައެވެ.

މިހާތަނަށް އައިއިރު ރާއްޖެއިން ޖުމްލަ 11210 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 1002 މީހުންނަނީ މިހާރު ބައްޔަށް ޕޮޒިޓިވް މީހުންނެވެ. އޭގެ ތެރޭގައި ރަށްރަށުން ޕޮޒިޓިވްވެފައިވާ 69 ކޭސް ހިމެނެއެވެ.