ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ރައީސް ކަމުގައި ހުންނެވި އިރު މަގާމުން އިސްތިއުފާ ދިނުމަށް އެދުނީ އޭރު އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ރާޖަން މަތާއި ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަދި ރައީސް ވަހީދުގެ ގާތް ބޭފުޅެއް ކަމުގައިވާ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރޭ ޕީޕީއެމްއިން ބެއްވި ޖަލްސާގައި ޑރ. ވަހީދު ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ބޭރު ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކާއެކު ޓީވީއަށް އަރައި މަގާމުން އިސްތުއުފާ ދިނުމަށް އެ ބޭފުޅަކު ހުށަހެޅުއްވި ކަމަށް ޑރ. ވަހީދު ވިދާޅުވި ވާހަކައާ ގުޅިގެންނެވެ.

ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޕީޕީއެމް އޮފީހުގައި ރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވުމަށް ބޭރުގެ ގައުމެއްގެ ވަޒީރަކު އެދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެފަދަ އަމަލެއް އެއްވެސް ގައުމަކުން އަނެއް ގައުމާ ދޭތެރޭގައި ކޮށްފައި ނުވާ ކަމަށާއި އެ ދުވަހު އެ ވަޒީރު އެދިވަޑައިގެން ގޮތަށް އެމަނިކުފާނު ހެއްދެވި ނަމަ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސް ކަމަށެވެ.

ޝަރީފް ވިދާޅުވީ، ޑރ. ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް އެދުނު ކަމަށް ވިދާޅުވާ ވާހަކައިގައި އެކަން ކުރުމަށް އެދިވަޑައިގަތީ އިންޑިއާގެ އޭރުގެ ފޮރިން ސެކެރެޓަރީ ރާޖަން މަތާއި ކަމަށެވެ. އެ ވާހަކަ ޑރ. ވަހީދު އޭނާ ގާތުގައި ހަމަ އެ ދުވަސްވަރު ވިދާޅުވި ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ޑރ. ވަހީދު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ކަމަށާއި އެ ބައްދަލުވުމަށް ފަހު ޓީވީއަށް ވަޑައިގެން ރައްޔިތުންގެ ކުރިމަތީގައި އިސްތިއުފާ ދެއްވުމަށް އޭނާ އެދިވަޑައިގެންނެވި ކަމަށެވެ.

އެކަން ނުކުރެއްވުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދީފައިވާ 100 މިލިއަން ޑޮލަރު، ވަގުތުން ދައްކަން އަންގައި ޕްރެޝާ ކުރި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެއަށް ފަހު ސަރުކާރުން ވަގުތުން ވަގުތަށް އިންޑިއާއަށް ދައްކަން ހުރި ފައިސާ ދެއްކި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ފައިސާ ދެއްކުމުގައި އިސްކޮށް އުޅުއްވީ ކުރީ ސަރުކާރުގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ފައިސާ ދައްކަން އެންގީ ޑޮލަރުން، ލަފާ ކުރެވެނީ 100 މިލިއަން ދެއްކީ 2 ޕޭމަންޓަކުންކަމަށް، ސަރުކާރުގެ ފަރާތުން އެފައިސާ އަވަހަށް ދެއްކުމުގައި އިސްކޮށް އުޅުއްވީ، އަދީބާއި ނާޒިމް، ފައިސާ ދިނީ އެމްއެމްއޭ ރިޒާވުން ނަގައިގެން"
ޝަރީފް

ޝަރީފުގެ މިވާހަތަކާއި ގުޅިގެން ޑރ. ވަހީދާއި، ނާޒިމް އަދި އަދީބުގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.